ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ސަރަޙައްދުގައި ކެސީނޯ ހިންގުމާއި ރަލާއި އޫރުމަސް ވިއްކުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމާލޭގެ އިޖުތިމާޢީ މިންގަނޑުތަކާ ގުޅޭގޮތުން ރައްޔިތުންނަށް ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އެ ސަރަޙައްދުގައި ރަލާއި އޫރުމަސް ވިއްކުން މުޅިން މަނާވާނެ ކަމަށާއި، ކޮންމެ ނަމާދު ވަގުތަކު ބަންގީގެ އަޑު އިވިގެންދާނެ ފަދައިން މިސްކިތްތައް ބިނާކުރެވޭނެ ކަމަށެވެ. އަދި އެތަނުގައި ހިންގާ ސްކޫލްތައްވެސް ހިންގާނީ ދިވެހި ތަޢުލީމީ މަންހަޖާއި ޤަވާޢިދުތަކާ އެއްގޮތަށް، ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޯދަމަހުގެ އިންތިޒާމުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މައްސަރުގައި ކެފޭ އަދި ރެސްޓޯރެންޓްތަކުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކުގެ އުސޫލުން ކަމަށެވެ. އަދި މުޅި ރަސްމާލެ ސަރަޙައްދުވެސް ކޮންޓްރޯލް ކުރާނީ ރާއްޖޭގެ މިނިވަން ޤާނޫނުތަކާއި ސިޔާދަތީ ބާރުގެ ފުރިހަމަ ދަށުން ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫޢުން އެޕާޓްމަންޓް ނުވަތަ ވިލާ ގަތުމަށް އެންމެ ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރަމުން ދަނީ ޢަރަބި-އިސްލާމީ ޤައުމުތަކުގެ ފަރާތްތަކުންނެވެ. އަދި އެ ފަރާތްތަކުން އެކަމަށް ޝައުޤުވެރިވަނީ ދިވެހިރާއްޖެއަކީ އަމާން، އިސްލާމީ ރިވެތި މާޙައުލެއް އޮތް ޤައުމަކަށް ވާތީ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.














