ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގެ ފޭސް ތިނެއްގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓުގެ ބޮޑު ބައެއް، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ޒުވާނުންނާއި ތަފާތު ދާއިރާތަކުގެ މަސައްކަތްތެރިންނަށް ހާއްސަކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ނިއުސް ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ތެރެއިން ބިނާކުރާ މި ތިން ކޮޓަރީގެ ފްލެޓްތައް ދޫކުރުމުގައި އިސްކަންދޭނީ ރިސޯޓުތަކާއި މަސްވެރިކަމުގެ އިތުރުން އެކި ދާއިރާތަކުގައި މަސައްކަތްކުރާ، އެހެންނަމަވެސް މިހާތަނަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ މީހުންނަށް ކަމަށެވެ.
ޖުމްލަ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ މި މަޝްރޫއަކީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދީގެން ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުގެ ފަސްޓް ސޭލްގެ ތެރެއިން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 10 ޕަސެންޓް އާމްދަނީގެ ތެރެއިން އީގަލް ހިލްސްއިން އަޕްފްރޮންޓްކޮށް ހަރަދުކުރާ ފައިސާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އެ ފައިސާ ދައުލަތުގެ ރިޒާވްގައި ބަހައްޓައިދޭން އީގަލް ހިލްސްއިން އެދުނު ނަމަވެސް، އެ ފައިސާ ރައްޔިތުންނަށް އެންމެ މުހިންމު ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ހަރަދުކުރަން ނިންމެވީ ސަރުކާރުން އަމިއްލައަށެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ އިތުރުން ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ އަސާސީ ހުރިހާ ވަސީލަތްތަކެއްވެސް އީގަލް ހިލްސްއިން ގާއިމްކޮށްދޭނެއެވެ. އަދި މިކަމުގެ ބަދަލުގައި ސަރުކާރުން އެއްވެސް މާލީ އިލްތިޒާމެއް ނުވަތަ ލޯނެއް ނަގަން ނުޖެހޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މި ހައުސިން ޔުނިޓްތަކުގެ ސްޓްރަކްޗާއާއި ބޭރުގެ ފިނިޝިން މަސައްކަތްތައް 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމައި، ގާނޫނީ ގޮތުން ރަޖިސްޓްރީކޮށް ހަވާލުކުރެވޭވަރު ވާނެ ކަމަށާއި، އެ ތަންތަން ދޫކުރާނީ ސަރުކާރުން ކަނޑައަޅާ ހެޔޮ އަގެއްގައި ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.














