އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނާ ޙަވާލުކުރުން ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޮކްޓޫބަރު 29 ގައި ހުށަހެޅުމަށް ތައްޔާރުވަމުންދާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ މަސައްކަތްތައް ނިންމުމަށް ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ޙަވާލުވިިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދިނީ އެކަމުން ޤައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެޅި ފިޔަވަޅުތަކާއެކު މިއަހަރު ފެށުނުއިރު ދައުލަތުގެ ގްރޮސް ރިޒާވާއި ޔޫސަބަލް ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓު ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ޚާއްޞަ އިސްކަމެއް ދެމުންދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސަބަބުން ދައުލަތަށް އިތުރު ދަރަންޏެއް ނުއުފެދޭނެ ކަމަށެވެ. އެގޮތުން ރަސްމާލެ މަޝްރޫޢަކީވެސް ފިއުޗަރ ރެވެނިއު ނުވަތަ މުސްތަޤުބަލުގައި ލިބޭނެ އާމްދަނީން ކެނޑޭ ގޮތަށް ކުރިއަށްގެންދާ ކަމެއް ކަމަށްވާތީ، އޭގެ ސަބަބުން ބަޖެޓަށް އިތުރު ބުރައެއް ނުއުފުލޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ޙާލަތު މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު މަގުތައް ހޯދައި ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށްވެސް ވިދާޅުވިއެވެ.














