ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ވޯޓާ ފްރަންޓާއި މެރީނާގެ ހިދުމަތްތައް ގާއިމުކުރި ނަމަވެސް، އިސްލާމީ އާދަކާދައާއި އުސޫލުތަކާ ހިލާފު އެއްވެސް ކަމަކަށް އެ ތަނުން ފުރުސަތު ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއު ނިމި ބޭނުންކުރަން ފެށި ނަމަވެސް، ރަލާއި އޫރުމަސް ވިއްކުމާއި ކެސީނޯ ހިންގުން ފަދަ އަމަލުތަކަށް އެ ސަރަހައްދުން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރި ސަރުކާރުތަކުން ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެ، ޖިއޯޕޮލިޓިކްސްގެ ތެރޭގައި ރާއްޖޭގެ މަސްލަހަތު ގެއްލުވާލާފައިވާ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދަމަހައްޓެވި ފަދަ ހަރުދަނާ އަދި ވަކިފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް މިހާރުގެ ސަރުކާރުންވެސް ދަމަހައްޓަވާނެއެވެ.
ފަހުގެ ތާރީހެއްގައި ރާއްޖެ ވަކި ގައުމެއްގެ ނުފޫޒުގެ ދަށުވެފައި އޮތް މަންޒަރު ފެނުނު ނަމަވެސް، ރާއްޖެއަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ވަކިފަރާތަކަށް ބުރަނުވާ ގައުމެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ތަނެއް ކަމަށާއި، ހާއްސަކޮށް އިސްލާމީ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.













