މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި 1.7 މިލިއަން ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ކަމަށްވާ %74 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ރިސޯޓުތަކުގައި 1,282,773 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޚިޔާރުކޮށްފައިވަނީ ރަށްރަށުގެ ގެސްޓްހައުސްތަކެވެ.
އެގޮތުން 375,306 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ އިރު، މިއީ މުޅި ޖުމްލަ ފަތުރުވެރިންގެ %21 އެވެ.
މީގެއިތުރުން ހޮޓާތަކުގައި 38,911 ފަތުރުވެރިން އަދި ސަފާރީ އުޅަންދުފަހަރުގައި 33,281 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ކުރީގައި 328,058 ފަތުރުވެރިންނާއެކު ޗައިނާ އުޅޭއިރު، 251,214 ފަތުރުވެރިންނާއެކު ދެވަނައިގައި އޮތީ ރަޝިއާއެވެ.
ތިންވަނައިގައި 133,337 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު، ޖަރުމަނުވިލާތުން 116,774 ފަތުރުވެރިން އަދި އިޓަލީވިލާތުން 104,140 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1299 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުން ޖުމްލަ 69,051 އެނދު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ނެރެފައެވެ.
ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ލޯކަލް ޓޫރިޒަމަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދިއުމަކީ ރަށްރަށުގެ އިގްތިސާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.














