ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ޕޮލިސް ކުލަބު ބަލިކުރުމަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯއިން ކާމިޔާބުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި ވެމްކޯއިން ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދާފައިވަނީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންގޮސްފައިވަނީ 25-22، 19-25، 22-25 އަދި 16-25 އިންނެވެ.
މި މެޗުން ޕޮލިސް ކުލަބު ބަލިވުމާއެކު، ލީގުގެ ދެވަނަ މަގާމު ކުލަބް އެމްޓީސީސީއަށް ލިބުނުއިރު، ޕޮލިސް ކުލަބަށް ލިބުނީ ތިންވަނައެވެ. މުބާރާތުގައި ވާދަކުރި ހަތަރު މެޗުން ވެސް ވެމްކޯ މޮޅުވެފައިވާއިރު، އެމްޓީސީސީ ވަނީ ތިން މެޗުން މޮޅުވެފައެވެ. އަދި ޕޮލިސް ކުލަބަށް ކާމިޔާބުކުރެވުނީ ދެ މެޗެވެ.
ލީގުގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި ގައުމީ ޗެމްޕިއަންޝިޕަށް ކޮލިފައިވެފައިވަނީ ވެމްކޯ، އެމްޓީސީސީ، ޕޮލިސް ކުލަބުގެ އިތުރުން ހުރާ ކޮމިއުނިޓީ ކުލަބެވެ. ލީގުގައި ދެން ވާދަކުރި ސިޓީ ފްރެންޑްސް ކުލަބަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެސްޓް ސެޓަރުގެ މަގާމު ހޯދާފައިވަނީ ވެމްކޯގެ ފާޠިމަތު ޖޫޒާން ޒަރީރެވެ. ޑްރީމް ޓީމުގެ ބެސްޓް އައުޓްސައިޑް އެޓޭކަރުންނަށް ޕޮލިސް ކުލަބުގެ ޙައްވާ ރާޝިދާ އާއި އާމިނަތު ޝަހާ ޝާމިން ހޮވުނުއިރު، ބެސްޓް މިޑްލް ބްލޮކަރުންނަށް ހޮވުނީ ވެމްކޯގެ ނަރީމާ އިދުރީސް އާއި އެމްޓީސީސީގެ އާމިނަތު ރިޔާސާއެވެ.
އޭގެ އިތުރުން، ބެސްޓް އޮޕޮސިޓް ޕްލޭޔަރަކަށް އެމްޓީސީސީގެ މާޔާ ޙުސައިން ސޮލާޙް، ބެސްޓް ލިބަރޯއަކަށް ވެމްކޯގެ މައިހާ ޢަލީ، އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް އެމްޓީސީސީގެ ފާޠިމަތު އަމާނީ އަޙްމަދު ޝިޔާމް ވަނީ ހޮވިފައެވެ. މުބާރާތުގެ ބެސްޓް ފޮރިން ޕްލޭޔަރަކަށް ވެމްކޯގެ ވަރަންޔާ ސްރިއަލޫންގް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެމްކޯގެ ކޯޗު އަޙްމަދު ޢަދީލެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް ހުކުރު ދުވަހުއެވެ.










