ހއ..ބާރަށުގެ ބަނދަރު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މާލޭގައި ހުންނަ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގައެވެ. މިނިސްޓްރީގެ ފަރާތުން މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މި މަޝްރޫއުގެ ދަށުން ބާރަށުގައި ގިނަ އަދަދެއްގެ މުހިންމު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
- ބަނދަރަށް ވަދެ ނިކުތުމަށް ބޭނުންކުރާ ނެރު ފުންކުރުން.
- އަލަށް ހަދާ ބަނދަރުގެ ސަރަހައްދު ފުންކުރުން.
- ނެރުފައިކަށި ގާއިމުކޮށް، ނެރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުން.
- އެއްގަމުތޮށިލުމުގެ މަސައްކަތް ކުރުން.
- ނަގާ ބާލާ ރޭމްޕް ގާއިމުކުރުން.
- ޑިންގީފަހަރު އެޅުމަށް ޚާއްސަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުން.
- ގްރޮއިން ޖަހައިގެން ގޮޑުދޮށް ހިމާޔަތްކުރުން.
- ބަނދަރު ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުން.
- ރައްކާތެރި ބޭރުތޮއްޓެއްގެ ގޮތުގައި ސޭންޑް ފިލްޑް ބްރޭކްވޯޓާ ގާއިމުކުރުން.
- ފަހަރު އެޅުމަށް މޫރިން ބޯއީ ހަރުކުރުން.
- ބަނދަރު ސަރަހައްދު އަލިކުރުމަށް ބަނދަރު ބައްތި ހަރުކުރުން.
- ނެރުގެ ސަލާމަތްތެރިކަން އިތުރުކުރުމަށް ނެރު ބައްތި ހަރުކުރުން.
މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމައި، ބާރަށުގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެމްޓީސީސީއަށް 540 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މަޝްރޫއުގެ ސަބަބުން ބާރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. އަދި މަސްވެރިކަމާއި ވިޔަފާރީގެ ކަންކަން ފަސޭހަވެ، ރަށުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު އެހީއަކަށް ވާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.














