ދެކުނުގެ އަޕަރ ސައުތު ޕޮލިސް ދާއިރާއަށް ނިސްބަތްވާ ރަށެއްގައި، 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ނުވަ މީހުންނަކީ:
މުޙައްމަދު މައިސަން ޝިޔާޒު (21އ)
އަޙްމަދު އިފްތިޝާމް ޒަރީރު (24އ)
ނަޖުމުالله ޙަސަން (35އ)
ޢާޒިމް މުފީދު (24އ)
ޢަލީ ޙުޒާމް ސަޢީދު (31އ)
މުޙައްމަދު ޞާލިޙު އަޙްމަދު (26އ)
އަޙްމަދު ނޫޙު ނިޔާޒު (20އ)
މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)
އަޙްމަދު ޞާނިޖު ޞާދިޤު (32އ)
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު (26އ)، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)، ނަޖުމުالله ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) ގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.
އޭގެއިތުރުން، މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، އަދި ޢާޒިމް މުފީދު (24އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަޙްމަދު ޞާނިޖު ޞާދިޤު (32އ) ގެ ބަންދަށް 30 ދުވަސް ކަނޑައަޅާފައިވާއިރު، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުކުރުމަށް ވަނީ 90 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގެ ތަހުގީގަށްޓަކައި މާލެއިން ހާއްސަ ޓީމެއް ވަނީ އެ ރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން ކުރިން ހާމަކުރައްވާފައިވާ ގޮތުން، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، މި ހާދިސާގެ ފުރިހަމަ ތަހުގީގު ހިންގައި، ޝަރީޢަތަށް ބޭނުންވާ ހެކި ހޯދަމުންދާ ކަމަށެވެ.











