ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި، ކައިރީގައި ހުރި މަދުވެގެން ނުވަ އިމާރާތަކަށް އަލިފާން ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި، އަލިފާން ފެތުރިގެން ދިޔަ އިމާރާތްތަކުގެ ތެރޭގައި ހަތަރު ގެއަކާއި، ފަސް ވޯކްޝޮޕް އަދި ގަރާޖު ހިމެނެއެވެ. ފުނަދޫ ކައުންސިލުން ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު ކަމަށެވެ. ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ދުމުގެ އަސަރު ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް ށ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން ވަނީ މި ވަގުތު އާންމުކޮށް ބަލިމީހުން ބެލުމުގެ ހިދުމަތް މެދުކަނޑާލައި، ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.
މި ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުންނަ ފުނަދޫ ސްކޫލަށް ވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ، ކަމާބެހޭ ފަރާތްތަކުން ވަނީ މިއަދު އެ ސްކޫލް ބަންދުކޮށްފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުންނާއި ފުލުހުން އަދި އާންމުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މަސައްކަތަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ޓީމެއް މިހާރު ދަނީ އެ ރަށަށް ދިއުމަށް ދަތުރުކުރަމުންނެވެ.













