ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިމިދިޔަ ހަފުތާގެ ތެރޭގައި ކުއްލި ނުރައްކަލުގެ 20 ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
ސިފައިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ މަހުގެ 18 އިން 24 ގެ ނިޔަލަށް ހިނގި މި ހާދިސާތަކުގެ އަދަދު ވަނީ އޭގެ ކުރީ ހަފުތާއަށް ވުރެ އިތުރުވެފައެވެ. އެގޮތުން މި މަހުގެ 11 އިން 17 އަށް ރިޕޯޓްކޮށްފައިވަނީ ކުއްލި ނުރައްކަލުގެ 19 ހާދިސާއެކެވެ.
ފާއިތުވި ހަފުތާގައި ހިނގި 20 ހާދިސާގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި އަލިފާނުގެ 5 ހާދިސާއަކާއި، ކާރިސާތަކާ ގުޅުންހުރި 5 ހާދިސާގެ އިތުރުން މީހުން ސަލާމަތްކުރުމުގެ (ރެސްކިއު) 5 ހާދިސާއެއް ހިމެނެއެވެ. މީގެއިތުރުން ބަލިމީހުން ކުއްލި ފަރުވާއަށް ގެންދިއުމުގެ (މެޑިކަލް އިވެކުއޭޝަން) 2 ހާދިސާއަކާއި، އެލާމްގެ 2 ހާދިސާ އަދި އެހެނިހެން ބާވަތުގެ ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.
އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި މި ހާދިސާތަކުގެ ބޮޑުބައި ހިނގާފައިވަނީ ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނިވެސް 16 ހާދިސާއެއް ވަނީ ރިޕޯޓްކޮށްފައެވެ. ދެން އެންމެ ގިނައިން ހާދިސާތައް ރިޕޯޓްކޮށްފައިވަނީ އުތުރުގެ ސަރަހައްދުތަކުންނެވެ. އެ ސަރަހައްދުން 3 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ އެންމެ ހާދިސާއެކެވެ.













