ގްރީން ޓެކްސް ދައްކަންޖެހޭ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ގްރީން އިންފޮމޭޝަން ސިސްޓަމް (އެމްޖީއައިއެސް) އާ އެކު ސިސްޓަމް އިންޓަގްރޭޓް ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަދަލުތަކެއް ގެނެސްފިއެވެ.
މިއަހަރުގެ އޮކްޓޫބަރު 1 އިން ފެށިގެން އަމަލީގޮތުން ބޭނުންކުރަން ފަށާފައިވާ މި ނިޒާމަކީ ގްރީން ޓެކްސް ނެގުމާއި، އެއާ ގުޅޭ މައުލޫމާތުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަކުރުމަށް ތައާރަފުކޮށްފައިވާ ސިސްޓަމެކެވެ.
މީރާއިން އާންމުކުރި އާ އުސޫލުގެ ދަށުން، މި ނިޒާމަށް އަމަލީގޮތުން އަމަލުކުރަން ފަށާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗުގެ ތެރޭގައި ހިމެނެނީ ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކުގެ އިތުރުން 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުރި ގެސްޓްހައުސްތަކެވެ. މި ފަރާތްތަކުން ޓެކްސް ދެއްކުމުގެ މުއްދަތު 1 ނޮވެމްބަރު 2026 އިން ފެށިގެން ހިނގަން ފަށާއިރު، ޑޭޓާ އަޕްލޯޑް ކުރުމުގެ ފަހު ތާރީޚަކީ 15 ޑިސެމްބަރު 2026 އެވެ. އަދި މި ބެޗުގައި ހިމެނޭ ވިޔަފާރިތަކުން ސިސްޓަމް އިންޓަގްރޭޝަން ފުރިހަމަކުރުމުގެ އެންމެ ފަހު މުއްދަތަކީ 1 އޭޕްރީލް 2027 އެވެ.
ދެވަނަ ބެޗުގައި ހިމެނެނީ ގްރީން ޓެކްސްއަށް ރަޖިސްޓްރީވެފައިވާ އެހެނިހެން ހުރިހާ ވިޔަފާރިތަކެވެ. މި ފަރާތްތަކަށް ޓެކްސް ނެގޭ މުއްދަތު 1 ޖަނަވަރީ 2027 އިން ފެށޭއިރު، މައުލޫމާތު އަޕްލޯޑް ކުރުމުގެ އެންމެ ފަހު ތާރީޚަކީ 15 ފެބްރުއަރީ 2027 އެވެ. އަދި ދެވަނަ ބެޗުގެ ފަރާތްތަކަށް ސިސްޓަމް އިންޓަގްރޭޓް ކުރުމަށް ދީފައިވާ އެންމެ ފަހު މުއްދަތަކީ 1 ޖުލައި 2027 އެވެ.
މީރާއިން ބުނި ގޮތުގައި، ސުންގަޑިތަކަށް މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތަކަށް އެމްޖީއައިއެސް ނިޒާމާ ފަސޭހަކަމާއެކު ގުޅި، ޓެކްސް ދެއްކުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަގުތު ފޯރުކޮށްދިނުމެވެ. އެހެންކަމުން ކޮންމެ ވިޔަފާރިއަކުންވެސް އެ ފަރާތަކާ ގުޅޭ ސުންގަޑިތަކަށް ސަމާލުވެ، ކަނޑައެޅިފައިވާ ތާރީޚުތަކަށް އަމަލުކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.














