އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު ވަށާޖެހޭ ތަރައްގީ ހާސިލުކުރުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކުން ކުރާ ވިޔަފާރިއަކަށް ވެސް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އަދި އެ ފައިސާ ރެމިޓެންސް މެދުވެރިކޮށް ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ތިން އަހަރުގެ މުއްދަތަށް އައްޑޫ ސިޓީގައި ޓެކްސް-ފްރީ ޒޯނެއްގެ ޕައިލެޓް ޕްރޮޖެކްޓް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޒޯނުގައި ބިމުގެ ކުލިން ފުރަތަމަ އަހަރު ލުއި ދިނުމާއި، އާމްދަނީން ނަގާ ޓެކްސް މައާފުކުރުމުގެ އިތުރުން ކޯޓާގެ ލުއިތަކެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، ސަރުކާރުން ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭނެ ގޮތް ހަމަޖައްސަވައި، ޖީއެސްޓީ ރަޖިސްޓްރީކުރާ ތްރެޝޯލްޑް 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރައްވާނެކަންވެސް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފެއްދުންތެރިކަމަށް އެތެރެކުރާ ރޯ މެޓީރިއަލްގެ އިމްޕޯޓް ޑިއުޓީ 2027 ޖެނުއަރީ އެކަކުން ފެށިގެން ސުމަކަށް ބަދަލުކުރައްވާނެ ކަމަށާއި، ޒުވާން ވިޔަފާރިވެރިންގެ ލޯނު ސްކީމުގެ ދެވަނަ ފިޔަވަހި އަންނަ މަހު ފައްޓަވާނެ ކަމަށެވެ.
އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިގްތިސާދުގައި ބައިވެރިވުމަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު މި ރަސްމިއްޔާތުގައި ދެއްވިއެވެ. މި އެކްސްޕޯއަކީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.














