ގދ. ތިނަދޫ ސިޓީގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ތިނަދޫގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، ކުޑަކުދިންތަކަކަށް ވެސް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
މި މައްސަލައާ ގުޅިގެން ތިނަދޫ ސިޓީން ހައްޔަރުކޮށްފައިވަނީ ނުވަ ދިވެހި ފިރިހެނުންނެވެ.
މިއީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ފޮނުވި ހާއްސަ ފުލުހުންގެ ޓީމެއް މިހާރު ތިނަދޫ ސިޓީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް އާންމުކުރަމުން ގެންދާނެ ކަމަށެވެ.













