އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، އެންމެ ފަހުގެ ޒަމާނީ ”އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރު“ ގާއިމުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިވަގުތު ކުރިއަށްދަނީ އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތެވެ.
އަދި އޭގެ އިތުރުން، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ހިނގަމުންނެވެ. މި މަސައްކަތްތައް ނިމުމަކަށް އައުމާއެކު، އައު މެޓް އޮފީސް އިމާރާތްކުރުމާއި ރާޑަރު ބެހެއްޓުމުގެ މައިގަނޑު އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ވުޒާރާއިން ބަޔާންކުރައްވައެވެ.
ގަމުގައި އަލަށް ގާއިމުކުރެވޭ މި ޒަމާނީ އެސް-ބޭންޑް ޑޮޕްލާ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ފުރިހަމައަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ވަސީލަތެކެވެ. މީގެ ސަބަބުން ކުއްލިއަކަށް އުފެދޭ ވިއްސާރައާއި ނުރައްކާތެރި ކޮޅިގަނޑުތައް ދަތުރުކުރާ މިސްރާބު މާކުރިން ދެނެގަނެވި، އާންމު ރައްޔިތުންނަށް ދުރާލައި ސަމާލުވުމުގެ އިންޒާރު ފޯރުކޮށްދިނުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. ހަމައެއާއެކު، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން މަތީ ދަރަޖައަކަށް ކަށަވަރުކުރުމުގައިވެސް މި ރާޑަރުގެ ދައުރު ނުހަނު ބޮޑުވާނެއެވެ.











