ސަރުކާރުން ކުރިއަށްގެންދާ ”ރަސްމާލެ“ މަޝްރޫޢާ ގުޅޭ އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމުން، އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނަކީ ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެ، މިއަދު މިދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގައިވެސް ބޭރުގެ އިންވެސްޓްމަންޓްތަކުން ނުހަނު ބޮޑު ހިއްސާއެއް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ތަފްޞީލުތައް ސިއްރުކުރެވިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، މިއީ ޤައުމަށް ފައިދާހުރި އިންވެސްޓްމަންޓެއް ނަމަ، އޭގެ ޝަރުޠުތަކާއި އެއްބަސްވުންތަކުގެ އިތުރުން، ދިގުމުއްދަތުގައި އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ އަޑުއަހައި އެމީހުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފައިސަލްގެ ޕޯސްޓް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެދުމާ ޚިލާފަށް ނުވަތަ ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓްމަންޓްތަކަށް އަޅުގަނޑު ދެކޮޅެއް ނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެ، މިއަދު މިދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ބޭރުގެ އިންވެސްޓްމަންޓްތަކުން ވަނީ ނުހަނު ބޮޑު ހިއްސާއެއް ވެފައެވެ.
ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ގުޅޭ…
— Faisal Naseem (@FaisalNasym) October 23, 2026
މި މަޝްރޫޢު އާއި ބެހޭގޮތުން ރައީސް ވިދާޅުވީ މިއީ ދިވެހި ސަރުކާރަށް ފުރިހަމަ އިޚްތިޔާރު ލިބިގެންވާ މަޝްރޫޢުއެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.













