އާޖެންޓީނާގެ ފުޓްބޯޅަ ކެޕްޓަން އަދި އިންޓަ މިއާމީގެ ތަރި ލިއޮނެލް މެސީއަށް ސްޕެއިންގެ އެންމެ މަތިވެރި އެއް ޝަރަފު ކަމަށްވާ 2026 ވަނަ އަހަރުގެ ”ޕްރިންސެސް އޮފް އަސްޓޫރިއަސް އެވޯޑް ފޯ ސްޕޯޓްސް“ ދީފިއެވެ.
ސްޕެއިންގެ އޮވިއެޑޯގައި އޮންނަ ތާރީޚީ ކަމްޕޯއާމޯރު ތިއޭޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މެސީއަށް މި އެވޯޑު ދީފައިވާއިރު، މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް ވަކި ފަރުދީ ގޮތުން މި އިނާމު ލިބުނު ފުރަތަމަ ފަހަރެވެ.
މި އިނާމަކީ މެސީ ދުނިޔޭގެ ފުޓްބޯޅައިގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ އިތުރުން، ކުޅިވަރުގެ މައިދާނުގައި އޭނާ ދައްކުވައިދިން ނަމޫނާ އަޚްލާޤާއި ޓީމު ވޯކަށް ދިން އިސްކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ. މީގެއިތުރުން، ޔުނިސެފް އަދި ”ލިއޯ މެސީ ފައުންޑޭޝަން“ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި ކުދިންނަށް ތަޢުލީމާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ކުރަމުންދާ އިޖުތިމާއީ މަސައްކަތްތައްވެސް މި އެވޯޑު ދިނުމުގައި ޖޫރީން ވަނީ ފާހަގަކޮށްފައެވެ.
މި ޝަރަފުވެރި އެވޯޑާއެކު މެސީއަށް މަޝްހޫރު އާޓިސްޓް ޖޯން މިރޯ ފަރުމާކޮށްފައިވާ ޚާއްޞަ ބުދަކާއި، ޑިޕްލޮމާއެއްގެ އިތުރުން 50,000 ޔޫރޯގެ ފައިސާގެ އިނާމެއް ލިބިފައިވެއެވެ.
އެވޯޑު ލިބުމާ ގުޅިގެން މެސީ ބުނީ، ސްޕެއިނަކީ އޭނާގެ ޙަޔާތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއް ކަމަށާއި، ކުޅިވަރު ޙަޔާތުގައި ބައްޕަ ދިން ހެޔޮ ނަޞޭޙަތްތަކާއި ބާސެލޯނާ ސިޓީއާއެކު އޮތް ގުޅުން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ.













