ޢަރަބި ޤައުމުތަކުން ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމަށް އެދި ދައްކާ ވާހަކަތަކަކީ އާންމުންނަށް އޮޅުވާލުމަށް ދައްކާ ”ދޮގު“ ވާހަކަތަކެއް ކަމަށާއި، އެމީހުން ސިއްރިއްޔާތުގައި އެދެނީ އަމިއްލަ ވެރިކަން ދަމަހައްޓަންކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ސަޢޫދީ ޢަރަބިއްޔާ ފަދަ ޢަރަބި ޤައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހިކުރަން (ނޯމަލައިޒް ކުރަން) ފަލަސްޠީނު ދައުލަތެއް ހެދުން ޝަރުޠުކުރާ ކުރުމާ މެދު ސުވާލުކުރުމުން، ނަތަންޔާހޫ ވަނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. ނަތަންޔާހޫ ބުނީ ޢަރަބި ވެރިން ސިއްރު ބައްދަލުވުންތަކުގައި އިޒްރޭލަށް ”ތިމަންނަމެން އެހެން ބުނަންޖެހެނީއޭ، ނަމަވެސް އެއީ ތެދެއް ނޫނޭ“ ބުނާ ކަމަށެވެ.
ނަތަންޔާހޫ ހާމަކުރި ގޮތުގައި، ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ފަލަސްޠީނުގެ މައްސަލައާމެދު ”އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ“. އެމީހުންގެ އެންމެ ބޮޑު ބޭނުމަކީ އެމީހުންގެ އަމިއްލަ ވެރިކަމާއި ސަރުކާރުތައް ދަމަހައްޓައި، އެމެރިކާއާއި އިޒްރޭލުގެ ރައްކާތެރިކަން ހޯދުމެވެ.
މި ވާހަކަތަކުން އެނގިގެންދަނީ، އިނގިރޭސިންނާއި ފްރާންސުން މެދުއިރުމަތި ބައިބައިކޮށް، ’ސައިކްސް-ޕިކޯ‘ އެއްބަސްވުމުގެ ދަށުން އުފެއްދި ޤައުމީ ދައުލަތްތަކުގެ ވެރިން ވަނީ އަމިއްލަ މަޞްލަޙަތާއި ވެރިކަން ދެމެހެއްޓުމަށްޓަކައި ފަލަސްޠީނުގެ ޙައްޤުތައް އެއްކޮށް ދޫކޮށްލާފައިކަމެވެ.













