އިސްލާމްދީނުގެ މަތިވެރި ނިއުމަތް ފިޔަވައި އެހެން ގޮތްގޮތުން އަބުރުވެރިކަމާއި އިއްޒަތް ހޯދަން މަސައްކަތްކޮށްފި ނަމަ ކުރިމަތިވާނީ ނިކަމެތިކަމާއި ނިކަމެތިވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
މާތް الله މުސްލިމުންނަށް މިންވަރުކުރެއްވި އެންމެ ބޮޑު ޝަރަފަކީ އިސްލާމީ އަގީދާ ކަމަށާއި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ފުރިހަމައަށް ގުޅިފައިވަނީ މި ދީނުގެ މަތިވެރި އުސޫލުތަކުގައި ހިފެހެއްޓުމާ ކަމަށް މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާގައި ފާހަގަކުރިއެވެ.
ނަމަވެސް، މުޖުތަމައުގެ ބައެއް މީހުންގެ ފަރާތުން ދީނީ ވާޖިބުތަކަށް އިހުމާލުވުމާއި އަޅުކަންތަކަށް ފަރުވާކުޑަކުރުމުގެ އާދަތައް ފެންނަމުންދާކަން ހުތުބާގައި ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ. އަދި އިސްލާމީ މަތިވެރި ސަގާފަތާއި އުސޫލުތައް ދޫކޮށް، ބީރައްޓެހި އާދަކާދަތަކަށް ތަބާވަމުންދިއުމަކީ މުސްލިމުންގެ އިއްޒަތާއި އަބުރު ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި ސިފަކުރިއެވެ.
ހަގީގީ މުސްލިމަކީ ކޮންމެފަދަ ގޮންޖެހުމަކާ ނުވަތަ އަނިޔާއަކާ ކުރިމަތިލާންޖެހުނު ކަމުގައި ވިޔަސް، އަގީދާގައި ސާބިތުވެ radio/ހުންނަ މީހާކަން ހާމަކުރަމުން ހުތުބާގައި ވަނީ އިސްލާމީ ތާރީހުން ނަމޫނާ މިސާލުތަކެއް ދައްކުވައިދީފައެވެ. އެގޮތުން މައްކާގެ އަވިގަދަ ހޫނު ހިލަބިމުގައި އަނިޔާ ލިބިވަޑައިގަތް ބިލާލުގެފާނާއި، އަލިފާން އަނގުރުތަކުން ބުރަކަށިފުޅު ފިހިގެންދިޔަ ހައްބާބު ބިން އަލްއަރައްތުގެ ސާބިތުކަން ފާހަގަކުރިއެވެ. މީގެއިތުރުން އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި ފުރަތަމަ ޖީލުގެ މުސްލިމުން މުދަލާއި ފުރާނައިން ވި ޖިހާދާއި ދެއްކެވި ގުރުބާނީތައް ހަނދާންކޮށްދިނެވެ.
އިސްލާމީ ތާރީހަށް ބަލާއިރު މުސްލިމުންނަށް ނަﺼުރާއި މަތިވެރިކަން ލިބިފައިވަނީ ދީނުގައި ސާބިތުވެ ތިބި މިންވަރަކުން ކަމަށާއި، ދީނާ ދުރުހެލިވި ކޮންމެ ހިނދެއްގައި ދުޝްމަނުންގެ ބާރުގެ ދަށަށް ގޮސް ނިކަމެތިވިކަން ހުތުބާގައި ހާމަކުރިއެވެ. އަދި އަމީރުލްމުއުމިނީން އުމަރުގެފާނު ވިދާޅުވެފައިވާ ފަދައިން، އިސްލާމްދީން ފިޔަވައި އެހެން ގޮތަކުން އިއްޒަތް ހޯދަން އުޅެފިނަމަ ލިބޭނީ ނިކަމެތިކަން ކަމަށް ބަޔާންކުރިއެވެ.
ހުތުބާ ނިންމާލަމުން ވަނީ އަމިއްލަ ގޭތެރޭގައާއި، ބާޒާރުތަކުގައި އަދި އާންމު މަޖިލިސްތަކުގައިވެސް އިސްލާމީ އަހުލާގާއި އުސޫލުތައް އިސްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޝިރުކާއި ބިދުއަތަކުން ދުރުހެލިވެ، އިޚްލާޞްތެރިކަމާއެކު މާތް الله އަށް އަޅުކަންކޮށް، ފަރުޟު ނަމާދުތަކާއި ޒާކާތުގެ މަތިވެރި ވާޖިބުތައް އަދާކުރުމުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވިއެވެ.










