އެމެރިކާގެ ވާޖީނިއާގައި ފުޓްބޯޅަ މެޗެއް ބެލުމަށްޓަކައި، އަމިއްލަ އަންހެނުން ގޭގެ ގުދަން ތެރޭގައި (ބޭސްމަންޓް) ހުރި ގޮނޑިއެއްގައި ޓޭޕްއަޅައި ބަނދެފައި ބޭންދި 64 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، ބޮޑު ޖިނާއީ ދަޢުވާއެއް އުފުލައިފިއެވެ.
ފުލުހުންގެ ރިޕޯޓުތަކުން އެނގޭގޮތުގައި، ޓެރީ ވާޑް ނަމަކަށްކިޔާ މި މީހާ ވަނީ އާދީއްތަ ދުވަހުގެ ރޭ ފުޓްބޯޅަ މެޗެއް ބަލަންވެގެން، އޭނާގެ އަންހެނުން ގުދަނަށް ގެންގޮސް ގޮނޑިއެއްގައި ޓޭޕްއަޅައި ބަނދެފައެވެ. އަންހެންމީހާ ގާތްގަނޑަކަށް 45 މިނެޓު ވަންދެން ބަންދުކޮށްފައި އިނުމަށްފަހު ސަލާމަތްވެގެން ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. ފުލުހުން ބެލިބެލުމުން އަންހެންމީހާގެ ދެއަތުގައި ޓޭޕް އެޅުމުގެ ސަބަބުން ލިބިފައިވާ ނިޝަންތަކާއި ޓޭޕްގެ އަސަރުތައް ހުއްޓެވެ.
އަންހެނުން ގޮނޑީގައި ބަނދެފައި ބެހެއްޓިކަމަށް ޓެރީ ވާޑް ވަނީ ފުލުހުންގެ ތަޙްޤީޤުގައި އިޢުތިރާފުވެފައެވެ. އޭނާގެ މައްޗަށް ވަނީ މީހުން ރަހީނުކުރުމުގެ (އަބްޑަކްޝަން) ކްލާސް 5 ގެ ޖިނާއީ ދަޢުވާއަކާއި، އާއިލާގެ މެންބަރަކަށް ޙަމަލާދިނުމުގެ ދަޢުވާ އުފުލާފައެވެ. މި މައްސަލައިގެ އަޑުއެހުން ކޯޓުގައި އޮންނާނީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.










