އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ’ފާދަރ އޮފް އޯލް ބޮމްބްސް‘ (ހުރިހާ ބޮމެއްގެ ބައްޕަ) ގެ ނަމުން ނަންދީފައިވާ ނުރައްކާތެރި އައު ހަތިޔާރެއް ދައްކާލުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.
އީރާނުގެ ޔަންގް ޖަރނަލިސްޓްސް ކްލަބް ނިއުސް އޭޖެންސީއަށް މަޢުލޫމާތު ދެމުން އައިއާރުޖީސީގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ބުނީ، ’ފާދަރ އޮފް އޯލް ބޮމްބްސް‘ އިޢުލާނުކުރުމުގެ ފަހު މަރުޙަލާގެ ތައްޔާރީތައް ދަނީ ވަމުން ކަމަށެވެ. އަދި މިއީ ޢަދުއްވުންނަށް (ދުޝްމަނުންނަށް) ދެވޭނެ އައު، ސިއްސުވާލަނިވި ހަތިޔާރެއްކަމަށް އޭނާ ބުންޏެވެ.
މިކަމާ ދެކޮޅަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާއެކު އަލުން ހަނގުރާމަ ފެށިއްޖެނަމަ، އެމެރިކާގެ އަސްކަރިއްޔާގައި އޮތް އެންމެ ބާރުގަދަ ނިއުކްލިއަރ ނޫން ބޮން ކަމަށްވާ ’މާދަރ އޮފް އޯލް ބޮމްބްސް‘ ބޭނުންކޮށްގެން އީރާނުގެ ހަކަތައާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ޙަމަލާދިނުމުގެ އަސްކަރީ ރޭވުންތައް އެކުލަވާލުމަށް އަންގަވާފައެވެ.














