ޕީއެޗްޕީ (PHP) ޕްރޮގްރާމިންގ ލެންގުއޭޖުގައި ހުރި ސެކިއުރިޓީ ނުރައްކާތެރި މައްސަލަތަކަކާ ގުޅިގެން، ވެބްސައިޓްތަކާއި ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީން އިލްތިމާސްކޮށްފިއެވެ.
2026 އޮކްޓޫބަރު 21 ގައި ހާމަކުރި މި މައްސަލައަކީ ސެކިއުރިޓީ ނުރައްކާތަކުގެ ސީރިއަސްކަން ދެނެގަންނަ ކޮމަން ވަލްނަރަބިލިޓީ ސްކޯރިންގ ސިސްޓަމް (CVSS v4.0) އިން 9.2 ގެ ކްރިޓިކަލް ރޭޓިންގއެއް ދީފައިވާ މައްސަލައެކެވެ. ”ޕީއެޗްޕީ 2 ޝެލް“ (PHP2Shell) ގެ ނަމުން ނަންދެވިފައިވާ މި ވަލްނެރަބިލިޓީގެ ސަބަބުން، ހަމަލާދޭ ފަރާތްތަކަށް އެއްވެސް ޔޫސަރނޭމް ނުވަތަ ޕާސްވޯޑަކާ ނުލައި ސާވަރުތަކުގައި ކޯޑު ރަންކޮށް، ވެބްސައިޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ވަލްނެރަބިލިޓީގެ ނާޖާއިޒު ފައިދާނގައި ސައިބަރ ހަމަލާތައް ދިނުމަށް ހެކަރުން މަސައްކަތްކުރަމުންދާތީ، ވޯޑްޕްރެސް ފަދަ މަގުބޫލު ޕްލެޓްފޯމްތަކާއި ޕީއެޗްޕީ ބޭނުންކުރާ އެންމެހައި ސިސްޓަމްތައް ރައްކާތެރިކުރުމަށް ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ސިއްރު މައުލޫމާތު ހާމަވުމާއި އޮންލައިން ޚިދުމަތްތައް މެދުކެނޑުމުގެ ބޮޑު ނުރައްކަލެއް އޮތުމުން، ސަރުކާރުގެ މުއައްސަސާތަކުންނާއި، ވިޔަފާރިތަކުން އަދި ވެބްސައިޓްތައް ހިންގާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
މި ވަލްނެރަބިލިޓީގެ ސަބަބުން ސިއްރު މައުލޫމާތު ހާމަވުމާއި އޮންލައިން ހިދުމަތްތައް މެދުކެނޑުމުގެ ފުރުސަތު އޮތުމާއެކު، ސަރުކާރުގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، ވެބްސައިޓްތައް ހިންގާ ފަރާތްތަކުން ލަސްނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި… pic.twitter.com/ZsFOuh10BR
— Maldives Police (@PoliceMv) October 22, 2026
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ކަމަށްވާ ވާޝަން 8.5.12، 8.4.27، 8.3.36، 8.2.35 ނުވަތަ އޭގެ ފަހުގެ ރަސްމީ ވާޝަނަކަށް ސިސްޓަމްތައް ވަގުތުން އަޕްގްރޭޑްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން އައިޓީ އެޑްމިނިސްޓްރޭޓަރުންނާއި ހޯސްޓިންގ ޕްރޮވައިޑަރުން މެދުވެރިކޮށް ސާވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އިތުރު ސެކިއުރިޓީ ފިޔަވަޅުތައް އަޅައި ސިސްޓަމްތައް ގަވާއިދުން މޮނިޓަރކުރުމަށްވެސް ވަނީ އެދިފައެވެ.
ހުއްދަނެތި ސިސްޓަމަށް ވަދެފައިވާކަމުގެ އެއްވެސް ޝައްކެއް އުފެދިއްޖެނަމަ، ޑިޖިޓަލް ހެކި ރައްކާތެރިކޮށް ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކުރުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ސައިބަރ ހަމަލާއެއް ދީފައިވާކަން ނުވަތަ ނުހައްގުން ސިސްޓަމަށް ވަދެފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެ ސިސްޓަމެއް ވަގުތުން ނެޓްވޯކުން ވަކިކުރުމަށްފަހު ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށް ވަނީ އަންގާފައެވެ.














