މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބު 2026 ގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ނެރުނު އިޢުލާން (ނަންބަރު: MDP/2026/IUL/057) ގައި ބުނެފައިވަނީ، ކުރިއަށް އޮތް އެމްޑީޕީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިހާރު ޢާންމުކުރެވިފައިވާ ކަމަށެވެ. އަދި އާންމުކޮށްފައިވާ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ކަމެއް ހުށަހެޅުމުގެ ފުރުޞަތު 25 އޮކްޓޯބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
މި އިންތިޚާބާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ އޮންލައިން ފޯމެއް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު އެމްޑީޕީން ވަނީ ހަމަޖައްސާފައެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކާއި، މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ދާއިރާތަކަށް ޚާއްޞަކޮށްގެން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ވަކިވަކި ލިސްޓުތައްވެސް އެމްޑީޕީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.














