ރާއްޖެއާއި ޕާކިސްތާނުގެ އިޤްތިޞާދީ ގުޅުން އާ ބާބަކަށް ގެންދިއުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިކަމަށް ގޮވާލެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި ދިވެހިރާއްޖެ-ޕާކިސްތާނު ބިޒްނަސް ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ. މި ފޯރަމް ބާއްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައެވެ.
މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި، ދެ ޤައުމުގެ އިޤްތިޞާދީ ބައިވެރިވުން އާ ބާބަކަށް ގެންދިއުމަށް މަގުދައްކައިދޭ މުހިންމު އިސްކަންދޭ ކަންކަމަށް އަލިއަޅުވާލެއްވުމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ރައީސް މުޢިއްޒު ވަނީ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އަދިވެސް އޮތީ އެންމެ ފުރިހަމައަށް ބޭނުންނުކުރެވިކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެކޮޅު ވިޔަފާރި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އިއްޔެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު އެއްބަސްވެވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދުގެ ފޯރަމަކީ އެ ޢަޒުމް ޙާޞިލުކުރުމަށް އެޅުނު މުހިންމު ފުރަތަމަ ފިޔަވަޅުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Delighted to address the Maldives–Pakistan Business Forum today in Islamabad, as our two nations commemorate 60 years of diplomatic relations.
My sincere gratitude to Prime Minister Shehbaz Sharif (@CMShehbaz) for gracing the Forum and highlighting the key priorities that will… pic.twitter.com/zW6g8b5ZBF
— Dr Mohamed Muizzu (@MMuizzu) October 22, 2026
ރާއްޖޭގައި ހުރި ތަފާތު ފުރުޞަތުތައް ހޯދައި ބެލުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ރައީސް މުޢިއްޒު ވަނީ ދަޢުވަތު އަރުވާފައެވެ. އަދި އައު ކުރެވުނު އިޢުތިބާރާއެކު މާނަވީ ބައިވެރިވުންތައް ޤާއިމުވެ، އިންވެސްޓްމަންޓްތައް ދަމައިގަނެ، ދެ ޤައުމަށްވެސް ޙަޤީޤީ ފައިދާތަކެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދޭ، ދެ ޤައުމުގެ ރައްޔިތުންނަށް ފުރުޞަތުތައް ހުޅުވާލައި، ދެފަރާތުގެ ފާގަތިކަން އިތުރުކޮށް، އެއްގޮތް އުއްމީދުތައް ދެމެހެއްޓެނިވި ކުރިއެރުމަކަށް ބަދަލުކޮށްދޭފަދަ އިޤްތިޞާދީ ބައިވެރިވުމެއް ބިނާކުރުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.














