މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ”އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުން“ މި މައުޟޫޢަށް ޚާއްޞަކޮށްގެން ހއ. ކެލާގައި ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 17 އިން 21 ގެ ނިޔަލަށެވެ.
ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، ކެލާގައި ކުރިއަށް ގެންދިޔަ މި ތަމްރީނުގައި ޖުމްލަ 13 ބޭފުޅަކު ބައިވެރިވެ، ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައެވެ. މިއީ ރަށްރަށުގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދީ، ކުދި ވިޔަފާރިތައް އުފެއްދައި ކުރިއެރުވުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން މަހުން ތައްޔާރުކުރާ އަގުއެއްކުރި ތަފާތު ބާވަތްތަކާ ގުޅޭ ފަންނީ މަޢުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން، އަމަލީގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދީ، ބައިވެރިން އަމިއްލައަށް ތަކެތި ތައްޔާރުކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.
އަމަލީ ތަމްރީނުތަކުގެ އިތުރުން، އަމިއްލަ ކުދި އާއިލީ ވިޔަފާރި ފެށުމާއި، އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މައުލޫމާތުތައްވެސް މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އަންނނީ ރާއްޖޭގެ ތަފާތު ރަށްރަށުގައި މަސްވެރިކަމުގެ ދާއިރާއިން ކުދި އުފެއްދުންތައް އުފައްދާ މީހުންނަށް އާމާޒުކޮށްގެން މިފަދަ ތަމްރީނު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ކަނޑުމަހުގެ އުފެއްދުންތަކަށް އިތުރު އަގު ގެނެސްދީ، ރަށްރަށުގެ އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމެވެ.













