ފޭސްބުކް، އިންސްޓަގްރާމް އަދި ވޮޓްސްއަޕްގެ މައި ކުންފުނި ’މެޓަ‘ އިން އާންމުންގެ ޒާތީ މަޢުލޫމާތު ބޭނުންކުރި ގޮތާމެދު އޮޅުވާލާފައިވާތީ، އެ ކުންފުނި 25 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް އެމެރިކާގެ ނިއު މެކްސިކޯގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މިއީ މެޓާގެ ތާރީޚުގައިވެސް އެ ކުންފުންޏާ ދެކޮޅަށް އިއްވި އެންމެ ބޮޑު ޖޫރިމަނާގެ ޙުކުމެވެ.
ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ހުށަހެޅި މައްސަލަ ބެލުމަށްފަހު ކޯޓުން ނިންމާފައިވަނީ، ވޭތުވެދިޔަ 11 އަހަރު ދުވަހު މެޓާއިން ވަނީ އާންމުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ މެދު ދޮގު މަޢުލޫމާތު ފަތުރައި، އޮޅުވާލުންތައް ހިންގާފައި ކަމަށެވެ. ކޯޓުގެ ފަނޑިޔާރު ވިދާޅުވީ މިއީ މެޓާގެ މުޅި ވިޔަފާރީގެ މައިގަނޑު އުޞޫލުތަކާ ގުޅިފައިވާ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ޖޫރީން އެންމެ ފުރަތަމަ 219 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅި ނަމަވެސް، ފަނޑިޔާރު ވަނީ އެ ޢަދަދު 25 ބިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. ނަމަވެސް މިއީވެސް އެންމެ ކުންފުންޏަކާ ދެކޮޅަށް އެމެރިކާގެ ސްޓޭޓަކުން އިއްވި އެންމެ ބޮޑު އަދަބެވެ.
މެޓާގެ އިސް ޤާނޫނީ ވަކީލު ސީޖޭ މެހޯނީ ވަނީ މި ޙުކުމަށް ފާޑުކިޔާ، މިއީ އެ ސްޓޭޓުގައި ކުންފުނިތަކަށް ވިޔަފާރިކުރުމަށް އޮތް ބޮޑު ހުރަހެއްކަމަށް ބުނެފައެވެ. އަދި މެޓާއިން މި ނިންމުން މަތީ ކޯޓެއްގައި އިސްތިއުނާފުކުރާނެކަން ވަނީ އިޢުލާނުކޮށްފައެވެ.












