ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގައި އަގު ޖަހާފައި ނުވާތީ ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއްގައި، ޤާނޫނާ އެއްގޮތަށް އަގު ނުޖަހާ ހުރި 17 ފިހާރައަކަށް އެކަން އިޞްލާޙުކުރުމަށް އަންގާ އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.
ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނާ އެއްގޮތަށް ވިޔަފާރިތަކުން ކަންކަން ބަހައްޓަމުންދޭތޯ ބެލުމަށް މި މަހުގެ 15 އިން 20 އަށް ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 34 ފިހާރައެއް ވަނީ ބަލައި ފާސްކޮށްފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، އިންސްޕެކްޓް ކުރެވުނު ތަންތަނުގެ ތެރެއިން 17 ފިހާރައެއްގައި މުދަލުގައި އަގު ޖަހާފައި ހުރީ ޤާނޫނުގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.
ގަންނަ ފަރާތްތަކަށް ސާފުކޮށް ފެންނާނެހެން މުދަލުގެ އަގު ބަހައްޓާފައި ނުހުންނަ ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާތީ، ޤާނޫނާ ޚިލާފަށް އަމަލުކުރާ ވިޔަފާރިތަކާމެދު ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅަމުންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.













