ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސޮއިކުރެވުނު މުހިންމު ފަހުމުނާމާތަކުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބުދަ ދުވަހުގެ ރޭ އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ”އައިވާން-އީ-ސަދްރު“ ގައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމަށް ރައީސް ޒަރުދާރީ ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހި ވަފުދަށް އަދާކުރި ހޫނު މެހުމާންދާރީއަށް ޝުކުރު އަދާކުރައްވަމުން، ވިޔަފާރިއާއި، ތައުލީމާއި، ސިއްހަތު އަދި އިންސާނީ ވަސީލަތް ތަރައްގީކުރުން ފަދަ ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ބޮޑެތި ފުރުސަތުތަކެއް އެބައޮތްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދޭދޭ ގުޅުންތަކުގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ލީޑަރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ އާންމު މަސްލަހަތުތައް ކުރިއެރުވުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެއްބާރުލުން އިތުރުކުރުމަށް ދެ ރައީސުން ވެސް އިގްރާރުވެވަޑައިގަންނަވަމުންނެވެ.













