ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމާ ގުޅޭގޮތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން، ނޭޝަނަލް ޕޭ ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕޭ ކޮމިޝަން ހާޒިރުކުރުމަށް މި ހުށަހެޅުން ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދެވެ. މި ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާއީދުކުރެއްވިއިރު، އެ ކޮމިޓީން މިގޮތަށް ފާސްކުރީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.
މެންބަރު ޑރ. ޝަމްހީދު މި ހުށަހެޅުން ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ، މުސާރަ އެއްހަމަކުރުމުގެ އޮނިގަނޑާ މެދު ހުރި ޝަކުވާތައް ބަޔާންކޮށް ދައުލަތުގެ އެކި އިދާރާތަކުންނާއި، މުއައްސަސާތަކުގައި މަސައްކަތްކުރާ ވަކިވަކި މުވައްޒަފުން މަޖިލީހަށް ހުށަހަޅަމުންދާ މައްސަލަތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމެވެ.
ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. އައު އޮނިގަނޑަށް އަމަލުކުރަން ފެށުމާއެކު ދިމާވި އިދާރީ އަދި ފަންނީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިހާރުވެސް ކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންގެ މުސާރައަށް އިންސާފުވެރި އަދި ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ ”ރައްޔިތުންގެ ވިންދު“ ޕްރޮގްރާމްގައިވެސް އާންމުންގެ ފަރާތުން މި މައްސަލައިގައި ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، ރައީސް މުޢިއްޒު ވަނީ އެ މައްސަލަތައް ބައްލަވައި އެކަށީގެންވާ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕޭ ކޮމިޝަނުގެ އިސް ބޭފުޅުން ހާޒިރުކޮށް، މުސާރައިގެ ފަރަގުތަކާއި މުވައްޒަފުންގެ ޝަކުވާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސުވާލުކޮށް މަޝްވަރާ ކުރުމަށެވެ.













