ސޫރިޔާގެ ދެކުނު-ހުޅަނގުގައިވާ ދިރުޢާ ޕްރޮވިންސްގެ ޖަމްލާ އަވަށަށް އިޒްރޭލު ސިފައިން ވަދެގަނެ، އާންމުންގެ ގޭގޭގެ ފުރާޅުމަތީގައި ސުނައިޕަރުން އަތުރައިގެން އަވަށުގެ ތެރެއަށް ބަޑިޖަހަން ފަށައިފިއެވެ.
ސޫރިޔާގެ ދައުލަތުގެ ޓީވީން ރިޕޯޓުކުރި ގޮތުގައި، އިޒްރޭލުގެ އެއްގަމު ސިފައިން ވަނީ ގޯލާންގެ އިންފަހަނައެޅުމަށްފަހު ޔަރްމޫކް ވާދީގައިވާ ޖަމްލާ އަވަށަށް ވަދެގަނެފައެވެ. ޔަހޫދީ ސިފައިން ވަނީ އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ވަދެ، އެ ގޭގޭގެ ފުރާޅުމަތީގައި ސުނައިޕަރުން ބައިތިއްބައިގެން ސަރަޙައްދު ކޮންޓްރޯލްކުރަން މަސައްކަތްކޮށްފައެވެ.
އިޒްރޭލު ސިފައިން ވަނީ އަވަށުގެ ތެރެއަށް ވަކި އަމާޒެއްނެތި އާންމުންގެ ގޭގޭގެ ކައިރިއަށް ބަޑިޖަހާފައެވެ. މީގެ ސަބަބުން އަވަށުގެ ރައްޔިތުން ވަނީ ގޭގޭގައި ބަންދުވެ، ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
މިއީ ސޫރިޔާގެ ބޯޑަރު ސަރަޙައްދުގައި އިޒްރޭލު ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، ސޫރިޔާގެ އެތެރެއަށް ބޯޑަރު ބަފަރ ޒޯން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ޙަރަކާތެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.














