ރަސްމާލެ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއާއެކު ގާތްގަނޑަކަށް ދާއިމީ 14،000 ވަޒީފާ އުފެދިގެންދާނެ ކަމަށާއި، މަޝްރޫއު ކުރިއަށްދާ މަރުހަލާގައި 54،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ އަށްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ މިސްރާބު ބަދަލުވެ، ގައުމަށް ނުހަނު ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާ ގޮތުން ބޭރު މީހުންނަށް ބިން މިލްކު ނުކުރެވޭނެ ކަމަށާއި، ބިން ދޫކުރެވޭނީ ހަމައެކަނި ކުއްޔަށް ކަމަށެވެ. އަދި އިސްރާއީލުގެ ރައްޔިތުންނަށް އެ ސަރަހައްދުން އެއްވެސް މިލްކިއްޔާތެއް ގަތުމުގެ ފުރުސަތު ގާނޫނީ ގޮތުން މުޅިން ބަންދު ކުރެވިފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ރަސްމާލޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނާއި ސްކޫލްތައް ނުހެދޭނެ ކަމަށާއި، އެ މުޅި ސަރަހައްދުގައި ހިނގާނީ ދިވެހި ދައުލަތުގެ ގާނޫނުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ އިގުތިސާދީ މަންފާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގުޅުންހުރި އެހެނިހެން ތަރައްގީގެ ކަންކަމާއެކު މުޅި އިންވެސްޓްމަންޓްގެ އަގު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ސަބަބުން ދާއިމީ 14،000 ވަޒީފާ އަދި މަސައްކަތް ހިނގަމުންދާ ދުވަސްވަރު 54،000 ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.














