ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ދެވޭ އެންމެ މަތީ ޝަރަފުގެ އޮނަރަރީ ޑޮކްޓަރޭޓް އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒަށް މި ޝަރަފު އަރުވާފައި ވަނީ އެމަނިކުފާނު ސިޔާސީ އަދި ހާރިޖީ ދާއިރާއިން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އެ ޔުނިވާސިޓީން ފާހަގަކުރި ގޮތުގައި، ރައީސަށް މި ޝަރަފު އެރުވުމުގެ އިތުރު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ތަރައްގީއަށް ކުރައްވާފައިވާ ހިދުމަތްތަކާއި އިސްލާމްދީނުގެ ހިމާޔަތުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހިމެނެއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު އެ ގައުމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
ޕާކިސްތާނަށް ވަޑައިގެންނެވި ދިވެހިރާއްޖޭގެ ތިންވަނަ ރައީސަށް އެ ގައުމުގެ ސަރުކާރުން ވަނީ ނުހަނު ބޮޑު އިސްކަމެއް ދީފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ހާއްސަ ފަރިއްކޮޅެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފަރާތުން ހާއްސަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން އަލަށް ގާއިމުކޮށްފައި ވަނީ 26 ޖުލައި 1966 ގައެވެ.












