ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ށަވިޔަނި އަތޮޅުން ފެށިގެން ގާފު ދާލު އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:20 އިން ފެށިގެން ހަވީރު 16:20 އާ ހަމައަށެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، ބައެއް ރަށްތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިހާރު ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ މި ވިއްސާރައިގެ އަސަރު ކުރިއަށް އޮތް ހަފުތާ ބަންދާ ހަމައަށް ދެމިގެންދާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ވައިގެ ދުވެއްޔަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގެ ބާރުމިން ގަދަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން، ވިއްސާރައާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ. ޚާއްޞަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި ކަނޑުގަދަވާނެ ކަމަށް ބެލެވެއެވެ.
White Alert issued for heavy rain and wind gusts pic.twitter.com/lYopi7rI9s
— Maldives Meteorology (@MetMaldives) October 21, 2026
މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.














