ސިޔާސީ ފިކުރު ތަފާތުވުމަކުން ނުވަތަ ކުރިއަށް އޮތް ތަނުގައި ވެރިކަން ނުލިބިދާނެ ކަމުގެ ބިރަށްޓަކައި، ދޮގާއި މަކަރު ހަދައިގެން މި ޤައުމަށް އަންނަން ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ފައްސާލައި ބޭރުކޮށްލަން އުޅުނަސް އެކަމެއް ކާމިޔާބެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ޙުސައިން ވަނީ ރާއްޖޭގެ އިޤްތިޞާދީ މާޒީއަށާއި މިހާރުގެ ޙާލަތަށް ވަރަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތު އެންމެ ފުރަތަމަ ފެށިގެން އައީ 1972 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 54 އަހަރު ވޭތުވެގެން ދިޔައިރު، މުޅި މި އިންޑަސްޓްރީއަށާއި ރާއްޖެއަށް ޖުމްލަ ގޮތެއްގައި ކުރެވިފައިވަނީ 7.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަމަށް މެންބަރު ވިދާޅުވިއެވެ.
ފާއިތުވި ދިގު މާޒީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލެއްވުމަށްފަހު މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަދު މި ދައްކަނީ އެންމެ 10 އަހަރު ދުވަހުގެ ތެރޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް މި ޤައުމަށް ގެނައުމުގެ ވާހަކަ ކަމަށެވެ. މިއީ މީގެކުރިން ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރެވެމުން އައި ދުވެއްޔާއި ނިސްބަތަށް ބަލާއިރު، ކުރިއަށް އޮތް 150 އަހަރު ދުވަހުގެ ތެރޭގައި ވެސް މި ޤައުމަށް ނުގެނެވޭނެ ވަރުގެ ތަރައްޤީއެއް އެންމެ 10 އަހަރު ދުވަހުން ޙަޤީޤަތަކަށް ހެދުން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
އިބްރާހީމް ޙުސައިން ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހޭލުންތެރިވެ ކަންކަމާ މެދު ފުންކޮށް ވިސްނާ ޙާލަތެއްގައި ކަމަށެވެ. އަދި ޤައުމުގައި މިހާތަނަށް ކުރެވިފައި ހުރި އެންމެހައި އިންވެސްޓްމަންޓްތަކާ އަޅާބަލާއިރު އެތައް ހާސް ގުނައެއް ބޮޑު އިންވެސްޓްމަންޓެއް ޤައުމަށް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، ހުރިހާ ދިވެހިންވެސް އެކަމަށް ކިޔަންވީ ހޫނު މަރުޙަބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޤައުމަށް މިފަދަ ބޮޑެތި ކުރިއެރުންތައް އަންނަން ފެށުމުން، ސިޔާސީ އިދިކޮޅު ފަރާތްތަކުން ޤައުމުގެ އެތެރޭގައި ތިބެގެން ހިތުހުރިހާ ވާހަކައެއް ދައްކަމުންދާ ކަމަށް ވިދާޅުވެ މެންބަރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ބޭރުގެ އިންވެސްޓަރުންނާއި މިފަދަ ބޮޑެތި މަޝްރޫޢުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމު އުފައްދައި، ފިތުނަ ފަސާދަ އުފެއްދުމަށް ސިޔާސީ ބޭނުމުގައި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ފިކުރު ތަފާތުވުމަކީ ނުވަތަ ޕާޓީގެ ކުލަ ތަފާތުވުމަކީ ޤައުމުގެ ތަރައްޤީއަށް ހުރަސްއަޅަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި، ދޮގާއި މަކަރު ހަދައިގެން ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް ދެން އެފަދަ ކަންކަން ކާމިޔާބު ނުވާނެ ކަމަށާއި، ޤައުމަށް ގެއްލުންވާ ގޮތަށް އެތެރެއިން ދައްކަމުންދާ މިފަދަ ދަށު ދަރަޖައިގެ ވާހަކަތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށްވެސް މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.














