އިސްރާއީލުގެ ރައްޔިތުން ރާއްޖެ އައިސް މިތަނުން ގެދޮރު ގަނެގެން ވަޒަންވެރިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، މި ސަރުކާރުން އެ ގައުމުގެ ޕާސްޕޯޓު މަނާކޮށްފައިވާތީ އެފަދަ ފުރުޞަތެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ރާއްޖެއަށް އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އެތެރެނުވެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާކުރީ މި ސަރުކާރުން ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ޒަޢާމަތުގައި އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގެ ފަސްގަނޑުގައި ފައިޖައްސާލުމުގެ ފުރުޞަތު ނުލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާޙް ވިދާޅުވީ، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ދިވެހި ރައްޔިތުން އެދި ގޮވާލުމުން ހުށަހެޅި ޤަރާރަށް އަމަލުނުކޮށް، ކޮމިޓީ މަރުހަލާގައި ފަސް އަހަރު ދުވަސް ދުއްވާލި ކަމަށެވެ. އަދި އެކަން ފާސްކޮށްލާނެ އެއްވެސް ހިތްވަރެއް އެ ބޭފުޅުންގެ ކިބައިގައި އޭރު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
”މި ބޭފުޅުންނެއް ނޫންތޯ މި ބޭފުޅުންގެ ވެރިކަމެއްގައި އިސްރާއީލާ އެކީގައި ގުޅުން ބަދަހިކޮށް، އިސްރާއީލުގެ މަތިންދާބޯޓުތަކާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި މަސައްކަތު މީހުން މި ގައުމަށް ގެންނަން މަސައްކަތް ކުރީ،“ އެމްޑީޕީގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަޙްދަތު ހިފެހެއްޓުމުގައި ދެގޮތެއް ނުވާނެ ކަމަށާއި، މި ގައުމުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ޒައްރެއްގެ މިންވަރަށް ވެސް ޖާގަ ނުދެއްވާނެ ކަމަށެވެ.














