މިސްކިތްތަކުގެ ޙުރުމަތް ކަށަވަރުކުރަން ސަޢޫދީގައި ސިޔާސަތުތަކެއް ހުރުމަކީ މުސްލިމުން ޙައިރާންވާންވީ ކަމެއް ނޫންކަމަށް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި މިވަގުތު ހުންނެވި ކުރީގެ އެޓާނީ ޖެނެރަލްކަންވެސް ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލު އަލުއުސްތާޛާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ސަޢޫދީ އަރަބިއްޔާގައި މިސްކިތެއްގެ ޙުރުމަތް ކެނޑި މައްސަލައެއްގައި އަންހެނަކާއި ފިރިހެނަކަށް މަރުގެ އަދަބު ތަންފީޛުކުރުމާ ގުޅިގެން ސޯޝަލް މީޑިޔާގައި ދިވެހިން ފާޅުކުރަމުންދާ ބައެއް ރަޢުޔުތަކަށް އިޝާރާތްކުރައްވާ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، މައްކާގެ ޤާނޫނީ އޮނިގަނޑުގައި މިސްކިތްތަކުގެ ޙުރުމަތް ކަށަވަރުކޮށް ޔަޤީންކުރުމަށް ޚާއްޞަ ސިޔާސަތުތަކެއް ހުރުމަކީ މުސްލިމުން ޙައިރާންވާންވީ ކަމެއް ނޫން ކަމަށެވެ. އަދި އެ އަދަބަކީ ކުށާ އަޅާބަލާއިރު މާ ބޮޑު އަދަބެއް ކަމަށާއި ސަޢޫދީގެ ޤާނޫނީ އޮނިގަނޑަކީ އިސްލާމީ ޝަރީޢާގެ އޮނިގަނޑެއް ނޫން ކަމަށް ބުނެ ބައެއް މީހުން ޚިޔާލުފާޅުކުރަނީ ކަމުގެ ޙަޤީޤަތް ބެލުމެއް ނެތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާޒިމާ ފާހަގަކުރެއްވި ގޮތުގައި އެހެން ޤައުމުތަކުގެ ސިޔާދަތީ ޤާނޫނީ އޮނިގަނޑުތަކަށް ފާޑުކިޔަން ފަށާއިރު، ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑުތައް ހުންނަނީ އެ ޤައުމުތަކުގެ ސިޔާސަތުތަކުގެ މައްޗަށް ބިނާވެފައިކަން ވިސްނަންޖެހެއެވެ. ސަޢޫދީގެ އިންޓީރިއަރ މިނިސްޓްރީގެ ބަޔާނާ ޙަވާލާދެއްވައި އާޒިމާ ވިދާޅުވީ، ކޯޓުން އެ އަދަބު ކަނޑައެޅީ ކުށުގެ ނުރައްކާތެރިކަމާއި، މިސްކިތުގެ ޙުރުމަތް ކެނޑިގެންދިޔަ މިންވަރާއި، އެ ކުށް ހިންގި އަމަލުގެ ޙާލަތަށް ބަލައި އިސްލާމީ ޝަރީޢާގައިވާ ތަޢުޒީރީ އަދަބެއްގެ ގޮތުގައި ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، އިސްލާމީ ޝަރީޢާގައި ތަޢުޒީރީ އަދަބުގެ ޙުކުމްތަކާއި، ތަފާތު ޖުރިސްޑިކްޝަންތަކުގައި އަދަބު ކަނޑައަޅާ ގޮތާ ބެހޭގޮތުން ބަލައި އޮޅުންފިލުވަންޖެހޭ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ކުށްކޮށްފައިވާ ގޮތާއި، ސަޢޫދީގެ ކުށުގެ އަދަބު ކަނޑައެޅުމާއި މަރުގެ އަދަބު ތަންފީޛުކުރުމުގެ ޤާނޫނީ އޮނިގަނޑު އޭނާ ދިރާސާކުރައްވާފައި ނުވާތީ، އެ މައްސަލައިގެ އަދަބާ ބެހޭގޮތުން ވަކި ރަޢުޔެއް ފާޅުނުކުރައްވާ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.











