ސައުދީ ޢަރަބިއްޔާގެ މައްކާގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކަށް މަރުގެ އަދަބު ތަންފީޒުކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ ކަމުގެ ފުރިހަމަ ތަފްސީލު ހޯދުމަށް ބަންގްލަދޭޝްގައި ހުންނަވާ ސައުދީ ސަފީރު އަބްދުﷲ ޒާފިރު އެޗް. ބިން އަބިޔާހް އެ ގައުމުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު އެ ދެ މީހުންގެ މަރުގެ އަދަބު ތަންފީޒުކޮށްފައިވާއިރު، ބަންގްލަދޭޝް ސަރުކާރަށް އެކަން އެނގިފައިވަނީ ހުކުމް ތަންފީޒުކުރި ފަހުންނެވެ. އެހެންކަމުން ބަންގްލަދޭޝް ސަރުކާރުން ވަނީ ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާކުރުމަށް އެދި ސައުދީ ސަފީރަށް ރަސްމީ ނޯޓެއް ހަވާލުކޮށްފައެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝާމާ އޮބައިދު އިސްލާމް ވިދާޅުވީ، ދެ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ކުރިން ސައުދީ ސަރުކާރުން އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަފްސީލު އަދިވެސް އެ ގައުމުގެ ސަރުކާރަށް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ މައްކާގެ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި އެ ދެ މީހުން ހައްޔަރުކޮށް، ޝަރީއަތް ހިންގުމަށްފަހު ވަނީ މަރުގެ ހުކުމް އިއްވައި ތަންފީޒުކޮށްފައެވެ.
ޖިއްދާގައި ހުންނަ ބަންގްލަދޭޝް ކޮންސިއުލޭޓުން ސެޕްޓެމްބަރު މަހު ހޯދި 2،500 އެއްހާ ގައިދީންގެ ލިސްޓުގައި މި ދެ މީހުންގެ ނަން ހިމެނިފައި އޮތް ކަމަށް އޮފިޝަލުން ކަށަވަރުކޮށްދެއެވެ. ނަމަވެސް އެ ލިސްޓުގައި އެކަކުގެ ކުށެއްގެ ގޮތުގައި ”ޒިނޭ“ އަދި އަނެކަކުގެ ކުށެއްގެ ގޮތުގައި ”އައިސީޓީ“ ލިޔެފައިވީ ނަމަވެސް، އެ މީހުންގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވާ ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.
ކޮންސިއުލޭޓްގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، މަރުގެ އަދަބު ކަނޑައަޅާފައިވާކަން ލިޔުމުން އެނގެން ނެތުމުގެ ސަބަބުންނާއި، އެ ދެ މީހުންގެ ފަރާތުން ކޮންސިއުލާ އެހީތެރިކަމަށް އެދިފައި ނުވާތީ، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އާންމު ގޮތެއްގައި ކޮންސިއުލޭޓުން ޖަލުތަކަށް ޒިޔާރަތްކޮށް ގާނޫނީ އެހީ ފޯރުކޮށްދިނުމުގެ ސަބަބުން ބައެއް މީހުންގެ އަދަބު ލުއިކުރެވިފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އިހުމާލެއް ވެފައިވަނީ ކޮން ހިސާބަކުންތޯ ދެނެގަތުމަށްޓަކައި، ސައުދީގައި ހުންނަ ބަންގްލަދޭޝްގެ މިޝަނަށް އަންގައިގެން މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެ ގައުމުގެ ފޮރިން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.














