އީރާނާއި ރަޝިޔާއާ ދެމެދު އޮތް އަސްކަރީ އަދި ސިޔާސީ ގުޅުން ތާރީޚުގައިވެސް ބަދަހިނުވާ މިންވަރަށް ބަދަހިވެފައިވާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބުނެފިއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސޭރްގޭވްރޯވް ތެހެރާނަށް ކުރި ދަތުރުގައި އީރާނުގެ ޚާރިޖީ ވަޒީރު އަދި ރައީސް މައްސޫދު ޕެޒެޝްކިއާންއާ ވަނީ ބައްދަލުކޮށްފައެވެ. ބައްދަލުވުމަށްފަހު ޢަރާޤްޗީ ބުނީ، އީރާނާއި ރަޝިޔާގެ ތާރީޚުގައިވެސް މިހާ ގާތުން ދެޤައުމުން މަސައްކަތްކުރި ދުވަސްވަރެއް މީގެ ކުރިން އައިސްފައިނުވާ ކަމަށެވެ.
މި ބައްދަލުވުންތަކުގައި ޔޫކްރެއިން ހަނގުރާމައާއި، ފަލަސްޠީނާއި ލުބްނާނުގެ މަސްރަޙުގެ އިތުރުން ޔަމަނާއި، ކެސްޕިއަން ކަނޑާއި ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން ދެޤައުމުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ވެވިފައިވާ ’ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕް‘ އެއްބަސްވުމުގެ ދަށުން ހަކަތައާއި، ނިއުކްލިއަރ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ބުނީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަ ހުއްޓުވައި، ދިފާޢީ އަދި ޚާރިޖީ ގުޅުންތައް މެދުވެރިކޮށް ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ރަޝިޔާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ. އީރާނުން ވަނީ ހުޅަނގުގެ ޤައުމުތަކުގެ ނުފޫޒާ ދެކޮޅަށް ރަޝިޔާއާއެކު ޘާބިތުވެ ތިބޭނެކަން ހާމަކޮށްފައެވެ.














