ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރިގެންދިޔައިރު، ދެ ގައުމުގެ ދެމެދުގައި އޮތް އިސްލާމީ އަޚުވަންތަކަމުގެ ސަބަބުން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅާ ގުޅުވައިގެން، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުއްﷲ ހާމިދު ވިދާޅުވީ، ވޭތުވެދިޔަ ދިގު މުއްދަތުގައި އެ ގައުމުން ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާކަމަށެވެ.
ޚާއްސަކޮށް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާކަން ފާހަގަކުރައްވައި، ރާއްޖެއަށް ކަނޑައެޅިފައިވާ ސްކޮލަޝިޕްތަކުގެ ދަށުން ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނާއި އެހެނިހެން ދާއިރާތަކުގެ ކިޔަވާކުދިން ޕާކިސްތާނުގައި ތައުލީމު ހާސިލުކޮށްފައިވާކަމަށާއި، މިހާރުވެސް ދިވެހި ދަރިވަރުން އެ ގައުމުގައި ތައުލީމު ހާސިލުކުރަމުންދާކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޚާރިޖީ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުމާއި، ދީނީ ރޮނގުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ޕާކިސްތާނު ސަރުކާރުން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ޚާރިޖިއްޔާއިން ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ ތަފާތު އެއްބަސްވުންތަކުގެ ދަށުން، މިހާރުވެސް ގުޅުން ބަދަހިކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.













