ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ރޯކޮށްލަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައާ ގުޅިގެން، ސިފައިންގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލައި ފޭސްބުކްގައި ޝާއިއުކުރި ސްޓޭޓަސްއެއްގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ޒިހާން ކުރި ޕޯސްޓުގައި ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ކަމެއް ކޮށްފިނަމަ ”މަޖާވާނެ“ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ޕޯސްޓު ޝާއިއުކުރިތާ ގަޑިއިރެއްހާއިރުގެ ތެރޭގައި އޭނާ ވަނީ ފޭސްބުކުން އެ ޕޯސްޓު އުނިކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކުރެއްވުމަށްފަހު އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އަދި މި ސަރުކާރުގައި އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވި ނަމަވެސް، ފަހުން ވަނީ އެ މަގާމުންވެސް ވަކިކުރައްވާފައެވެ. މަގާމުން ވަކިކުރި ފަހުން ޒިހާން އަންނަނީ ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޚިޔާލުފާޅުކުރަމުންނެވެ.














