ޣައްޒާގެ ތަފާތު ސަރަޙައްދުތަކަށް އިސްތިއުމާރީ ވެރިކަން، އިޒްރޭލުން ދިން ޓެރަރިސްޓު ޙަމަލާތަކެއްގައި، ކުޑަކުއްޖަކާއި ދެމަފިރިއަކު ހިމެނޭހެން މަދުވެގެން 4 ފަލަސްޠީނުން ޝަހީދުވެއްޖެއެވެ.
ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ ދިރިއުޅޭ ޢިމާރާތެއްގެ އެޕާޓްމަންޓަކަށް އިޒްރޭލުން ދިން ވައިގެ ޙަމަލާއެއްގައި، އަކްރަމް ޔާސީން އާއި އޭނާގެ އަނބިމީހާ ދީނާ އަބޫ ބަކުރު ވަނީ ޝަހީދުވެފައެވެ. މި ޙަމަލާގައި އެހެން ބައެއް މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ދެކުނުގެ ޚާން ޔޫނިސްގެ ޤީޒާން އަބޫ ރަޝްވާން ސަރަޙައްދުން އިޒްރޭލުގެ ޓެރަރިސްޓު ސިފައިން ދިން ބަޑީގެ ޙަމަލާއެއްގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ ސިޓީގެ އިރުމަތީގައިވާ ޒައިތޫން ސަރަޙައްދުން އިޒްރޭލު ސިފައިން ދިން ބަޑީގެ ޙަމަލާއެއްގައިވެސް އާންމު ރައްޔިތަކު ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން، ޚާން ޔޫނިސް އާއި އަލް-މަވާސީގައި ރައްކާތެރިކަން ހޯދައިގެން ތިބި ރައްޔިތުންގެ ފޭލިގެތަކަށް އަމާޒުކޮށް އިޒްރޭލުގެ ޓޭންކުތަކުންނާއި މަނަވަރުތަކުން ވަނީ ބޮޑުބަޑީގެ ޙަމަލާތައް ދީފައެވެ.














