ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ. މަޖިލީހުގެ ނައިބު ރައީސް ސަލީމް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކުރުމެވެ. މިގޮތުން، ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާ (Tax-EBITDA) ގެ 25 އިންސައްތައެވެ. އަދި މިހާރު ޢަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތައް އުނިކުރުމަށްވެސް މި އިޞްލާޙުގައި ވަނީ ހިމަނާފައެވެ.
މި އިޞްލާޙުތަކަށް ޢަމަލުކުރަން ފެށުމަށް ބިލުގައި ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ބިލު ޤާނޫނަކަށްވެ ތަންފީޒުވާން ފެށުމުން ދައުލަތަށް ލިބޭ ޢާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އެގޮތުން މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 496،300،302 (ހަތަރުސަތޭކަ ފަންސާސްނުވަ މިލިއަން ތިންސަތޭކަ ހާސް ތިންސަތޭކަ ދޭއް) ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާ ގުޅިގެން، ދެން އޮންނާނީ ބިލުގެ އިބްތިދާއީ ބަޙުޘް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމެވެ.














