ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ތަރިކަ، އުމުރުން 36 އަހަރުގެ މުޙައްމަދު ޘާޤިބެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާށިދޫ ޕޮލިހުން ހިންގި ޚާއްޞަ އޮޕަރޭޝަނެކެވެ. މުޙައްމަދު ޘާޤިބް ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް، ކ. އޮޅަހަލި ކައިރި ކަނޑުމަތިންނެވެ.
އޭނާ ދަތުރުކުރި ޑިންގީ ކަނޑުމަތިން ހުއްޓުވައި، ފުލުހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 226 ގްރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 13 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.














