ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ދިނުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށްވާނަމަ، ދައުލަތުގެ އެއްވެސް ބޭފުޅަކަށް އެ ޚިދުމަތް ނުދިނުމަކީ ވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސާ ގުޅޭގޮތުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން، އެ އިނާޔަތް ކަނޑާލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މި ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މަގާމަށް އިންތިޚާބުވެގެން ވަޑައިގަންނަވަނީ ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރައްވައި، ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ކަމަށެވެ. ޚާއްސަ ގޮތެއްގައި ތިން ހަތަރު ދާއިރާ ހިމެނޭ ބޮޑެތި ސަރަޙައްދުތައް ތަމްސީލުކުރައްވާ ބޭފުޅުން މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ނުހަނު ބުރަކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް، ފަނޑިޔާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ހެލްތު އިންޝުއަރެންސް ލިބެމުންދާއިރު، އެ ބޭފުޅުން ވަޒީފާއަށް ވަޑައިގަތުމަށް މިފަދަ ބުރަ މަސައްކަތްތަކަކާއި ބޮޑެތި ޚަރަދުތަކެއް ކުރަން ނުޖެހޭކަން މެންބަރު ފާހަގަކުރެއްވިއެވެ. ސައުދުﷲ ވިދާޅުވީ އެ ފަރާތްތަކަކީ މިގޮތަށް ކެމްޕޭންތަކެއް ކޮށްގެން އަންނަ ބައެއް ނޫން ކަމަށާއި، އެހެންނަމަވެސް މަޖިލިސް މެންބަރުންނާ އެއްވަރަށް ބޮޑެތި އަދަދުތަކުން އެ ބޭފުޅުންނަށް ވެސް އިންޝުއަރެންސް އިނާޔަތްތައް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން އެ ބޭފުޅުންނާއި މަޖިލިސް މެންބަރުންނާ ދެމެދު އެންމެން ހަމަހަމަވާ ފަދަ އިންސާފުވެރި އުސޫލެއް ގާއިމުކުރުމަކީ ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”ޚާއްސަކޮށް މިއީ ރައްޔިތުން ނޭދޭ ކަމެއް ވެއްޖިއްޔާމު، އެއްވެސް ބޭފުޅަކަށް އިންޝުއަރެންސް ނުދިނުމަކީ ވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް،“ ސައުދުﷲ ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން އެދި ރައްޔިތުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން މިއަދު ކުރިއަށްދިޔަ މި ބަހުސްގައި، އެކި މެންބަރުން ވަނީ ދައުލަތުގެ ބަޖެޓުން ކުރާ މިފަދަ ޚަރަދުތަކާ މެދު އެ ބޭފުޅުންގެ ޚިޔާލު ފާޅުކުރައްވާފައެވެ.














