އެމެރިކާއާއި އިޒްރޭލު އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ހޮރްމޫޒް ކަނޑުއޮޅީގައި 6،000 އެއްހާ ވިޔަފާރި ބޯޓުފަހަރުގެ ފަޅުވެރިން ތާށިވެފައިވާކަމަށް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ބުނެފިއެވެ.
އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ފޮކްސް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ، ފަހަކަށް އައިސް ގިނަ ބޯޓުތަކަށް ޙަމަލާދީފައިވާ ކަމަށާއި، މި ޙަމަލާތަކުގައި ފަޅުވެރިން މަރުވަމުންދާ ކަމަށެވެ. އަދި އާންމު ފަޅުވެރިންނަކީ ހަނގުރާމަކުރަން ތަމްރީނު ލިބިފައިވާ ބައެއް ނޫންކަމަށާއި، އެ ކަނޑުއޮޅިން ދަތުރުނުކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ޑޮމިންގޭޒް ބުނީ، ބައެއް ޒިންމާދާރުކަންކުޑަ ބޯޓުފަހަރުގެ ވެރިން ފައިސާގެ ބޭނުމުގައި، ދޮގު މަޢުލޫމާތާއި ފޭކް ދިދަ ބޭނުންކޮށްގެން ހަނގުރާމައިގެ މައިދާނަށް ބޯޓުތައް ފޮނުވައި ފަޅުވެރިންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަމުންދާ ކަމަށެވެ.
ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ޙަމަލާތައް ދެމުންދާތީ، ބޯޓުތަކަށް ޙަމަލާދެނީ ކޮންބައެއްކަން ދެނެގަތުމަކީ ބައެއް ފަހަރު ވަރަށް އުނދަގޫ ކަމެއްކަމަށް އައިއެމްއޯއިން ފާހަގަކުރެއެވެ.














