ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 5 އެއާޕޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، އެއާޕޯޓްތަކުގެ މަޝްރޫޢުތައް ހިނގަމުންދާ ގޮތާމެދު މަޢުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ލިޔުމުން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިހާރު މަސައްކަތް ކުރިއަށްދަނީ އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓާއި، ހދ. މަކުނުދޫ، ފ. މަގޫދޫ، ރ. އަލިފުށި އަދި ލ. އިސްދޫ-ކަލައިދޫ އެއާޕޯޓެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތައް މިހާރު ކަނޑައެޅިފައިވާ ބަޖެޓުގެ ތެރޭގައި އެއްވެސް އިތުރު ޚަރަދަކާ ނުލައި ނިންމާލެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ލ. އިސްދޫ-ކަލައިދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަދި ރަސްމީކޮށް ކޮންޓްރެކްޓް ކުރެވިފައި ނުވި ނަމަވެސް، އެ މަޝްރޫޢު ހިންގުމަށް ބޭނުންވާ 600 މިލިއަން ރުފިޔާ މިހާރު ދައުލަތުގެ ބަޖެޓުގައި ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ވައިގެ މަގުން ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ އެކި މަޝްރޫޢުތަކަށް 540 މިލިއަން ރުފިޔާ ވަނީ ޚާއްޞަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާސިލުވެވޭނެ އެއާޕޯޓް ވިއުގައެއް ގާއިމުކުރުމެވެ.














ހުޅުދުއްފާރުގެ މަގު ހެެދުމުގެ މަސައްކަތް ހިންގާ ބާރު މިނުގާތޯ