މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢު މެލޭޝިޔާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވަނީ މެލޭޝިޔާގެ އަލްޓަސް އޮއިލް އެންޑް ގޭސް އެސްޑީއެން ބީއެޗްޑީ ކުންފުންޏާއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ ވިޖޭ ކޭ ޕިލާއީ އަދި މުޙައްމަދު ތައުފީޤު ބިން އޮތްމާންއެވެ.
މި އެއްބަސްވުމުގެ ދަށުން އައު އައިސްޕްލާންޓްތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ:
ހއ. ދިއްދޫ
ހދ. ކުޅުދުއްފުށި
ށ. ކޮމަންޑޫ
ކ. ގާފަރު
އއ. ރަސްދޫ
މ. މުލައް
ދ. ހުޅުދެލި
ގއ. މާމެންދޫ
ގއ. ނިލަންދޫ
ގއ. ވިލިނގިލި
ގދ. ރަތަފަންދޫ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ރާއްޖޭގައި ދުވާލަކު 1،700 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އެބަހުއްޓެވެ. ނަމަވެސް، މަސްވެރިކަން ތިޔާގިވާ ދުވަސްވަރު މަސްވެރިންނަށް ބޭނުންވާ މިންވަރަށް އައިސް ނުލިބި، ދަތިތަކާ ކުރިމަތިލާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަލަށް ޤާއިމުކުރެވޭ މި ޕްލާންޓްތަކަކީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ އިތުރުން 50 ޓަނުގެ އައިސް ރައްކާކުރެވޭނެ ތަންތަން ކަމަށާއި، މީގެ ސަބަބުން މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން އަލްޓަސް ކުންފުނިން ޓިއުބް އައިސްޕްލާންޓްތައް ފަރުމާކުރުމާއި، ރާއްޖޭގެ ކަނޑުފަޅުގެ މާހައުލާ އެކަށޭނަ ގޮތަށް ލޮނުފެނުން ފިނިކުރާ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި އައިސްޕްލާންޓްތައް ޢިމާރާތްކޮށް، ޓެސްޓްކޮށް، އޮޕަރޭޝަނަށް ގެނައުމުގެ އެންމެހައި ކަންކަމާއި، ވޮރަންޓީ އަދި މަރާމާތުގެ ޚިދުމަތްތައްވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި މި މަޝްރޫޢުގެ ސަބަބުން، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކާއި ހޭދަވާ ވަގުތު ސަލާމަތްވެ، ތާޒާކަމާއެކު މަސް ބާނައިގެން ވިއްކުމަށް މަގުފަހިވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.














