ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ކާގޯ ކްލިއަރެންސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ އިސް ޓީމަކުން ބައްލަވާލައްވައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މީސްމީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި މަސައްކަތްތައް ބައްލަވާލެއްވުމަށް ވީއައިއޭއަށް ޒިޔާރަތްކުރެއްވި ޓީމުގައި ސަރުކާރުގެ މުހިންމު ވުޒާރާތަކާއި މުއައްސަސާތައް ހިމެނެއެވެ.
އެގޮތުން މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި، މައިންޑްކޯ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިނިސްޓްރީ އޮފް ޑިފެންސްގެ އިތުރުން އެމްއެފްޑީއޭގެ އިސް ބޭފުޅުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ޑިސެންބަރު 17 ގައި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މުދާ ކްލިއަރކުރުމުގެ ހިދުމަތް 2025 ޑިސެންބަރު 25 އިން ފެށިގެން ދަނީ 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ.
ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ވީއައިއޭގެ ކާގޯ އޮޕަރޭޝަންތައް ބައްލަވާލެއްވުމުގެ މައިގަނޑު މަގްސަދަކީ، 24 ގަޑިއިރު ހިދުމަތް ދިނުމަށް ފެށިފައިވާ ނިޒާމު ހަރުދަނާކަމާއެކު ހިނގަމުންދާ މިންވަރު ދެނެގަނެ، ވިޔަފާރިވެރިންނަށް އަވަސް އަދި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެމުންދާކަން ކަށަވަރުކުރުމެވެ.














