ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާމަކަމަށް އިސްކަންދެއްވާނެ ކަމަށް ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ. މަމްދޫހް ވަނީ ކުރީ ސަރުކާރުން އެއްބަސްވުންތައް ސިއްރުކުރީ ގައުމަށް ގެއްލުންވާނެކަން އެނގޭތީ ކަމަށް ތުހުމަތުކުރައްވާފައެވެ. ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މިހާތަނަށް ސޮއިކުރެވިފައިވަނީ ހަމައެކަނި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ކަމަށް ވެސް މަމްދޫހް ފާހަގަކުރެއްވިއެވެ.
މެމްބަރު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައިއެވެ. އޭނާ ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ރަސްމީ ގާނޫނީ އެއްބަސްވުމެއް އަދި ސޮއިކުރެވިފައި ނުވާކަމަށާއި، އެކަން ވަރަށް އަވަހަށް، ދިވެހި ލޮބުވެތި ރައްޔިތުން އެދޭގޮތަށް މިގައުމަށް ލާބައާއި މަންފާވާނެ މަގަށް ނިމިގެންދާނެ ކަމަށެވެ. އަދި މިސަރުކާރުގައި، ކުރީގައި ކަންކަން ސިއްރުކުރިހެން، ސިއްރުކޮށް ފޮރުވާނޭ އެންމެ ކަމެއްވެސް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ނިމިދިޔަ އެމް.ޑީ.ޕީ.ގެ ވެރިކަމުގައި މިގައުމު ބަނގުރޫޓުގެ މަގަށް ގެންދިޔަ ކަމަށާއި، އިގްތިސާދީ އަޅުވެތިކަމަށް މިސްރާބު ބަދަލުކުރުމުގެ އެންމެ ބޮޑު އެއް ޒިންމާ އުފުލަންޖެހޭ ފަރާތަކީ އޭރުގެ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ކަމަށް މަމްދޫހް ތުހުމަތުކުރެއްވިއެވެ.
“ފުނިފުނީން އާރުޓީއައި ލައިގެންވެސް، އޭރު ހެދިގެން ދިޔަ އެއްވެސް އެއްބަސް ވުމެއް ހާމަ ނުކޮށް ސިއްރުކޮށް ފޮރުވީ، އޭރު ހެދި ކޮންމެ އެއްބަސްވުމަކުން މިގައުމަށް ގެއްލުންވާނެކަން މަނިކުފާނަށް ސާފުވެލައްވާތީ ކަމަށްނޫންތޯ، ތިޔަ އެއްބަސް ވެލެއްވީ!” މަމްދޫހް ވިދާޅުވިއެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރާ ކަންކަން ކުރާނީ، ދިވެހި ލޮބުވެތި ރައްޔިތުން އެދޭ މިސްރާބަށް ކަމަށާއި، އެލޮބުވެތި ރައްޔިތުންނަށް ހެވާއި ލާބަ ވާނޭ މަގަށް، ހާމަކަން ބޮޑު ދެފުއްފެންނާނޭ ގޮތަށް ކަމަށް މެމްބަރުގެ ޕޯސްޓްގައި ވެއެވެ.











