ޑޮލަރުގެ އަގު ކޮންޓްރޯލްކޮށް، ބާޒާރަށް ޑޮލަރު ނެރުމަށް ސަރުކާރުން ގެންގުޅުނު ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޕާކިސްތާން ދަތުރުފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް އަންނަނީ އިންތިހާއަށް މައްޗަށް ދަމުން ކަމަށާއި، ބޭންކު އެކައުންޓުތަކުގައި ރުފިޔާ ހުރި ނަމަވެސް އެ ފައިސާ ޑޮލަރަށް މާރުކުރެވޭނެ އެއްވެސް ގޮތެއް މިއަދު ނެތް ކަމަށެވެ. އަދި ބޭރުގައި ކިޔަވާ ކުދިން ތިބި އާއިލާތަކަށާއި ރާއްޖޭގެ ގިނަ ވިޔަފާރިވެރިންނަށް ޑޮލަރު ނުލިބި ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މި ހިނގާ މަހުވެސް ރާއްޖެ ޑީފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވަޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު އެ ގައުމުން އިތުރުކޮށްދިނުމުން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ މިފަދަ ދަނޑިވަޅެއްގައި ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާތީ އެކަމާ ގުޅުވައިގެން ސަރުކާރުގެ އިގުތިސާދީ މިސްރާބާ މެދު ސުވާލު އުފައްދަވާފައެވެ.
USD ge agu dhanee hahthahaa mahchah. Account gai MVR hureme e faisaa USD ah maareh nukurevey. Kudhin madharusaa ah laigen beyrugai dhiriulhey aailaa thakaai, gina viyafaari verinnah mivanee inthihaa ah dhathi vefai. Sarukaarun USD hoadhumah genai hurihaa siyaasatheh fail vehje.…
— Mohamed Nasheed (@MohamedNasheed) October 19, 2026
ނަމަވެސް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ނަޝީދުގެ މި ވާހަކަފުޅުތަކުން ފެނިގެންދަނީ އެމްޑީޕީގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ހަމައެކަނި އިންޑިއާ ކޮޅަށް ބުރަވެފައި އޮންނަ އޮތުމެވެ. އަދި އިންޑިއާއިން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ކަރަންސީ ސްވަޕް ފެސިލިޓީތަކަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ނަގާފައިވާ ދަރަނިތައް ކަމާއި، މިއަދު އެ ދަރަނިތައް ދައްކައި އިގުތިސާދު ސަލާމަތްކުރުމުގެ ބުރަ އުފުއްލަވަނީ ރައީސް ޑރ. މުޢިއްޒުކަން ނަޝީދު ހަނދާން ނައްތާލައްވާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެން ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ވަކި ގައުމަކާ ދެކޮޅުވުން ނޫން ކަމަށާއި، ރައީސް މުޢިއްޒުގެ ސިޔާސަތަކީ ހުރިހާ ގައުމަކާވެސް ގުޅިގެން ރާއްޖެއަށް ފައިދާވާނެ ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރުން ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.
އިދިކޮޅު ފަރާތްތަކުން މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށާއި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރުން ހުއްޓުވުމަށް ސަރުކާރުން ދަނީ މުހިންމު އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން މަޖުބޫރުކުރުމަށްޓަކައި އެމްއެމްއޭ މެދުވެރިކޮށް ބޭރު ފައިސާއާ ބެހޭ އައު ގަވާއިދުތަކަށް އަމަލުކުރަން ފަށައި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ. އަދި ރަސްމީ ނިޒާމުން ބޭރުން ހިންގާ ޑޮލަރުގެ މުއާމަލާތްތަކާއި މަނީ ލޯންޑްރިންގ ހުއްޓުވުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ސަރުކާރުން ޔަގީންކަން ދެނީ މި އިސްލާހީ ފިޔަވަޅުތަކާއެކު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެ، ބޭންކުތަކުން ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.










