ގދ. ފަރެސްމާތޮޑާގެ ގެއެއްގެ ކޮޓަރީގައި ހުރި އޭސީއެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގެ ކޮޓަރިއެއް ވަރަށް ބޮޑަށް އަނދައި ގެއްލުންވެއްޖެއެވެ.
މިއަދު ފަތިހު 04:15 ހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު ރިޕޯޓުކުރުމާއެކު، ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން އެ ރަށު ކައުންސިލާ ގުޅިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ކޮޓަރިއާއި އެ ތަނުގައި ހުރި ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުންގެ މިހާތަނުގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މި އަލިފާންގަނޑު ރޯވާން މެދުވެރިވީ ކޮޓަރީގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.













